އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލާއި ކްރިސްޓަލް ޕެލަސް ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ.
ލިވަޕޫލުގެ އެންފީލްޑް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.
މުޅި މެޗް ކޮންޓްރޯލް ކޮށްގެން ކުޅުނީ ލިވަޕޫލުންނެވެ. ނަމަވެސް މި މެޗްގައި ޕެލަސްއިން ގޯލާ އަމާޒްކޮށް ފޮނުވާލި ހަމައެކަނި ހަމަލާ ވަނީ ގޯލްގެ ތެރެއަށް ވައްދާލާފައެވެ. މެޗްގެ 32 ވަނަ މިނެޓްގައި މި ގޯލްޖެހީ ޒަހާއެވެ.
މެޗްގެ ފުރަތަމަ ހާފްގައި އިތުރު ލަނޑެއް ފެނިގެންނުވިޔައިރު ދެވަނަ ހާފްގައި އެންމެ ފުރަތަމަ ފެނިގެންދިޔަކީ ރަތް ކާޑެކެވެ. ލިވަޕޫލާއި މި ސީޒަންގައި އަލަށް ގުޅުނު އުރުގުއާއީގެ ޒުވާން ފޯވަޑް ޑަރވިން ނޫނޭޒް އަށް ރަތް ކާޑު ދެއްކީ ޕެލަސްގެ ޑިފެންޑަރ ހޯކިމް އެންދަރސަން ކުރި ފައުލަކާއި ގުޅިގެން ހިތްހަމަ ނުޖެހި އޭނާ ގައިގާ ނޫނޭޒް ބޮލުން ޖެހުމުންނެވެ.
މި ރަތްކާޑާއެކު ލިވަޕޫލްގެ ކުޅުން އިތުރަށް ވަރުގަދަ ކުރިއެވެ. ރަތްކާޑު ދެއްކިތާ ހަތަރު މިނެޓްފަހުން ލުއިސް ޑިއާޒްވަނީ ލަނޑެއް ޖަހާ މެޗްގެ ނަތީޖާ އެޓީމަށް ހަމަހަމަ ކޮށްދީފައެވެ. މިމެޗްގެ ފަހު ބައިގާ ލިވަޕޫލުން އިތުރު ލަނޑެއް ޖެހޭތޯ ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް ޕެލަސްއިން ވަނީ ވަރަށް ރަނގަޅަށް ޑިފެންޑް ކޮށް މުހިންމު ޕޮއިންޓެއް ހޯދާފައެވެ.