އިންޓަކޮންޓިނެންޓަލް މޯލްޑިވްސް މާމުނަގައު ރިސޯޓުގައި ސްނޯކަލިންއަށް އެކަނި ގޮސް އުޅެނިކޮށް ގެއްލުނު އަންހެން ފަތުރުވެރިޔާ ވަނީ ވަގަށް ނަގާފައިވާ ކަމަށް އޭނާގެ އާއިލާއިން ތުހުމަތުކޮށްފި އެވެ.
ކެނެޑާއަށް ނިސްބަތްވާ އުމުރުން 33 އަހަރުގެ އެ އަންހެން މީހާ ގެއްލުނީ މިމަހުގެ 12 ވަަނަ ދުވަހު އެވެ.
ދުބާއީއަށް ނިސްބަތްވާ އޭނާގެ ފިރިމީހާއާ ހަވަލާދީ ދުބާއީގެ ނޫހަކުން ބުނެފައިވަނީ އޭނާގެ އަންހެނުން ގެއްލުނުއިރު ބަނޑު ބޮޑެވެ. ބަނޑަށް ވަނީ އަށް މަސް ފުރިފަ އެވެ.
”ޕޫލް ކައިރީގައި އަހަރެމެން ދެމީހުން ތިބީ. ތިއްބައި އެދުވަހުގެ ގާތްގަނޑަކަށް 3:30 ހާއިރު އަންހެނުން ދިޔައީ މޫދަށް ކުޑަކޮށް ފަތާލަން. އޭރުވެސް އަހަންނަކަށް ނޭނގެ އެއީ ބިރުވެރި ހާދިސާއެއްގެ ފެށުމެއް ކަމެއް،“ އަންހެން މީހާގެ ފިރިމީހާ ބުންޏެވެ.
އޭނާގެ ފިރިމީހާ ބުނީ، އަންހެނުން ވަގަށް ނެގީ ކަމަށް ބެލެވޭ ކަމަށާއި އޭނާ ހޯދަން އެހީތެރިވެދޭނެ ފަދަ އިތުބާރު ހުރި މައުލޫމާތު ދޭ ފަރާތަކަށް އެއް ލައްކަ ޑޮލަރު ހުށަހެޅީ ވެސް އެހެންވެގެން ކަމަށެވެ.
ދުބާއީ އާއި ކެނެޑާގައި ވިޔަފާރި ހިންގަމުން އަންނަ އެ ފިރިހެން މީހާ ބުނި ގޮތުގައި، އޭނާގެ އަންހެނުން ގެއްލުނުތާ ނުވަ ވަރަކަށް ދުވަސް ވެފައިވާއިރު، ކަމާބެހޭ ފަރާތްތަކުން އެއްވެސް ޖަވާބެއް އަދި ދީފައެއް ނުވެ އެވެ. އަދި އޭނާ ހޯދުމުގެ މަސައްކަތް ވެސް މިހާރު ހުއްޓާލާފައިވާއިރު، އޭނާ ގެނބުނީ ކަމެއް ނުވަތަ ވަގަށް ނެގީ ކަން ނޭނގޭ ކަމަށްވެސް ބުންޏެވެ.
އަންހެން މީހާގެ އާއިލާއިން ބުނާ ގޮތުގައި، އޭނާ ގެއްލުނު ގޮތް ހޯދަން ރާއްޖޭގެ ކަމާބެހޭ އިދާރާތަކުން އިތުރަށް ބަލަން ޖެހެ އެވެ.
އެމްއެންޑީއެފުން ބުނީ އޭނާ ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުން އަންނަ ކަމަށެވެ. އޭނާ ހޯދަން ބެލި ކަނޑުގެ ސަރަހައްދުވެސް އެމްއެންޑީއެފުން ވަނީ އާންމުކޮށްފައެވެ.