ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށްފަހު ފުރައިގެން ދިޔަ ފަތުރުވެރިއަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވިކަން އެނގިފައިވާ ކަމަށާއި މިހާރު އެކަން ބަލަމުން އަންނަ ކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން (އެންޑީއެމްއޭ) އިން ބުނެފިއެވެ.
ރާއްޖެވެސް ހިމެނޭ ގޮތަށް އޭޝިއާގެ ގިނަ ގައުމުތަކަކަށް ދަތުރުކޮށް އެނބުރި ޗިލީއަށް ދިޔަ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވި ވެފައިވާ ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާތީ އެންޑީއެމްއޭއިން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ، ޗިލީގެ ކަމާބެހޭ އިދާރާތަކަށް ގުޅައިގެން އެމީހާގެ މައުލޫމާތު ހޯދާ އެކަން އިތުރަށް ބަލަމުން އަންނަ ކަމަށެވެ. އަދި މިކަމާ ގުޅިގެން ފިޔަވަޅުތައް އަޅަމުންދާ ކަމަށާއި އަދި އެކަމާއި ގުޅިގެން ޗިލީގެ ހެލްތް އޮތޯރިޓީތަކާއި ގުޅާ ކަމާގުޅުން ހުރި ފަރާތްތަކާއި ގުޅިގެން އެފަތުރުވެރިޔާގެ ޓްރެވެލް ހިސްޓްރީއާއި އެމީހާއާ ގުޅޭ އިތުރު ތަފްސީލުތައް ވެސް ބަލަމުން ގެންދާ ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ.
ޗިލީއިން މިއަދު ކޮރޯނާއަށް ޕޮޒިޓިވްވި މީހާ ވަނީ މިވޭތުވެދިޔަ އެއްމަސް ދުވަހުގެ ތެރޭގައި އޭޝިއާގެ ގިނަ ގައުމުތަކަކަށް ދަތުރުކޮށްފައެވެ.