އެކިއެކި ކުށްތަކުގެ ތުހުމަތުކުރެވޭ މީހުންނަށް އާންމުން އަނިޔާކުރުމަކީ ކަންބޮޑުވާކަމެއް ކަމަށާއި އެފަދަ ކުށްތައް ކުރާ މީހުންގެ މައްސަލަތައް ވެސް ބަލައި ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ފުލުހުން ދީފިއެވެ.
ފުލުހުން ކުރި ޓުވީޓެއްގައި ބުނީ، ކުށްތަކަށް އަރައި ގަންނަ ފަރާތްތަކާއި މައްސަލަތަކުގައި ތުހުމަތު ކުރެވޭ ފަރާތްތަކުގެ މައްސަލަތައް ތަހުގީގުކޮށް އެ ފަރާތްތަކަށް އަދަބު ދެވޭނެ ގޮތްތައް ގާނޫނުތަކާއި ގަވާއިދުތަކުގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާ ކަމަށެވެ. އަދި އިންސާފު ހޯދުމަށް ކަމަށްބުނެ، ޖިނާއީ މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހުންނާމެދު ގާނޫނުތަކާ ހިލާފަށް އަނިޔާވެރި އަމަލުތައް ހިންގުމަކީ ނުހަނު ކަންބޮޑުވާ އަދި މުޖުތަމައުގެ މަސްލަހަތު ގެލިގެން ހިނގައިދާނެފަދަ އަމަލުތަކެއް ކަމަށެވެ.
”އެހެންކަމުން މިފަދަ ކަންތައްތައް ތަކުރާ ނުކުރުމަށް މި ހިދުމަތުން އިލްތިމާސްކުރަން. އަދި މިފަދަ ކުށްތައް ހިންގާ ފަރާތްތަކުގެ މައްސަލަ ތަހުގީގުކޮށް ގަނޫނީ ފިޔަވަޅު އަޅާނެ ވާހަކަ އެންމެހާ ފަރާތްތަކުގެ ސަމާލުކަމަށްޓަކައި ދަންނަވަން،“ ފުލުހުން ބުންޏެވެ.
ފުލުހުން މިހެން ވިދާޅުވެފައި މި ވަނީ ހުޅުމާލޭ ދެ ވަނަ ފޭސްގައި ފިރިހެން ދަރިވަރަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކޮށް ފިރިހެން ޓީޗަރަކަށް ވަރަށް ބޮޑަށް އަނިޔާކޮށްފަނިކޮށެވެ. އަދި ދިއްފުށީގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ބުނެ ތުހުމަތު ކުރެވުނު މީހާއަށް ބަޔަކު ވަރަށް ބޮޑަށް އަނިޔާ ކުރިއެވެ. މީގެ އިތުރުން ވައްކަމުގެ މައްސަލަ ތަކުގައި އަތުލައިގަންނަ މީހުންނަށްވެސް ބައެއް މީހުން އަނިޔާކޮށް އެކިއެކި ގޯނާ ކުރާ މަންޒަރުގެ ވީޑިއޯތައް ދޭތެރެދޭތެރެއިން ފުލުހުން ސޯސަލް މީޑިއާގައި އާންމުވެެވެ.