ޅ.ހިންނަވަރުގައި 100 ހައުސިން ޔުނިޓް އެޅުމަށް ދޮންބޭޒް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައެވެ.
މި މަޝްރޫޢުގެ ދަށުން 700 އަކަފޫޓްގެ ދެ ބުރީގެ 50 ރޯ ހައުސްއާއާއި، 1000 އަކަފޫޓްގެ އެއްބުރީގެ 50 ހައުސިން ޔުނިޓް އެޅުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ކޮންމެ ހައުސިން ޔުނިޓެއްގައި 3 ކޮޓަރިއާއި 3 ފާޚާނާއާއި ސިޓީން ރޫމެއް ހިމެނެއެވެ. އަދި ބަދިގެއާއި ކާގެއާއި ލޯންޑަރީގެ އިތުރުން ސްޓޯ ރޫމެއްވެސް ހުންނާނެކަމަށް ޕްލޭނިން މިނިސްޓްރީން ވިދާޅުވެއެވެ.
މި އެއްބަސްވުމުގައި ސޮއިކުރީ ޕްލޭނިން މިނިސްޓްރީގެ ހައުސިން ޑިޕާޓްމަންޓްގެ ޑިރެކްޓަރ ޖެނަރަލް އަޙްމަދު ވިޝާން ނަޞީމްއާއި ދޮންބޭޒް ޕްރައިވެޓް ލިމިޓެޑުގެ ހެޑް އޮފް އޮޕަރޭޝަންސް އަލީ ހަމްދޫންއެވެ.
އިމާރާތުގެ ވަށާފާރާއި ހައުސިން ޔުނިޓްތަކުގައި ދިރިއުޅޭ ފަރާތްތައް ހިތްފަސޭހަ މާހައުލެއް ޤާއިމް ކުރުމަށްޓަކައި ހައުސިން ޔުންޓްތައް ވަށައިގެން އަލި ކުރެވޭނެއެވެ. އަދި ހިތްފަސޭހަ މައިޒާނަކާއި ވެހިކަލް ޕާކް ކުރާނެ ސަރަޙައްދެއް މި އެއްބަސްވުމުގެ ދަށުން ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫއަށް 83 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވެއެވެ. މި މަސައްކަތް ކުރުމަށް އެކުންފުންޏާ ހަވާލުކޮށްފައިވަނީ 1 އަހަރުދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.