ދިވެހި ރުފިޔާގެ ނިޝާން ފުރަތަމަ ފަހަރަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ތައާރަފު ކޮށްފިއެވެ.
އެމްއެމްއޭގައި ބޭއްވި ރަސްމިއްޔާތުގައި ދިވެހި ފައިސާގެ ނިޝާން ލޯންޗުކޮށްދެއްވީ އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާއެވެ. ދިވެހި ފައިސާގެ ނިޝާންގައި ތާނަ އަކުރު ”ރ“ ގައި ކައްޗަށް އިތުރު ރޮނގުބުރިއެއް އިނދެއެވެ. ރުފިޔާގެ ނިޝާނަކީ ލިޔުމުގައި ފައިސާގެ ނަން ލިޔުމުގެ ބަދަލުގައި ބޭނުން ކުރާ ނިޝާނެކެވެ.
އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވީ، މި ނިޝާނަށް އާންމުން އަހުލުވެރިކޮށް، ވީހާ ވެސް ގިނަ ބަޔަކު ބޭނުންކުރާ އެއްޗަކަށް ހެދުމަށް ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކާ އެކު މަސައްކަތްތައް ފަށާފައިވާ ކަމަށެވެ.
މި ނިޝާން ފަރުމާކުރީ، މ.ސްޕޮޓްލައިޓް، ހުސެއިން ސުޖާއުއެވެ. މިދިޔަ އަހަރު އެމްއެމްއޭ އިން ދިވެހި ނިޝާން ފަރުމާކުރުމަށް ހުޅުވާލުމުން 70 ހުށަހެޅުމެއް ލިބިފައިވެއެވެ. ސުޖާއުގެ ޑިޒައިން، ދިވެހި ފައިސާގެ ނިޝާންގެ ގޮތުގައި ކަނޑައެޅީ އެކަމަށް ހާއްސަކޮށްފައިވާ ފަންނީ ޖަޖުންގެ ޕެނަލަކުންނެވެ.
ރާއްޖޭގައި ކުރިން ބޭނުން ކުރަމުން ދިޔަ ފައިސާގެ ނޫޓުތަކުގެ ބަދަލުގައި އާ ނޫޓުތަކެއް ތައާރަފުކޮށްފައިވަނީ 2016 ވަނަ އަހަރު އެވެ. މި ނޫޓު ސީރީޒްގައި ހިމެނެނީ 10، 20، 50، 100 500 އަދި އަލަށް ތައާރަފްކުރާ 1000 ރުފިޔާގެ ނޫޓެވެ.