ލިވަޕޫލަށް ކުޅެމުންދިޔަ ޖަޕާންގެ ފޯވާޑް ޓަކޫމީ މިނަމީނޯ ފްރާންސްގެ މޮނާކޯއަށް ބަދަލުވެއްޖެއެވެ.
މޮނާކޯއިން މިނަމީނޯ ގެންގޮސްފައިވަނީ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން 15.5 މިލިއަން ޕައުންޑަށެވެ. މިނަމީނޯ އަކީ ނިމިގެން ދިޔަ2 ސީޒަންގައި ލިވަޕޫލުން ހޯދި2 ތަށިވެސް ހޯދައިދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކޮއްފައިވާ ކުޅުންތެރިޔާއެވެ. މިދިޔަ ސީޒަންގައި ލިވަޕޫލުން ހޯދި އެފްއޭކަޕާއި ލީގުކަޕްގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔަކީ މިނަމީނޯއެވެ. ނަމަވެސް އެހެން މުބާރާތްތަކުގައި އޭނާއަށް ކުޅުމުގެ ފުރުޞަތު ލިބެނީ މަދު ފަހަރެއްގައެވެ.
2020 ވަނަ އަހަރު އޮސްޓްރިއާގެ ރެޑްބުލް ސާލްސްބާގް އިން ލިވަޕޫލަށް 7.25 މިލިއަން ޕައުންޑަށް ބަދަލުވި މިނަމީނޯ ގެންދިއުމަށް ގިނަ ކްލަބްތަކަކުން މީގެކުރިން ޝައުގުވެރިކަން ފާޅުކޮށްފައިވެއެވެ.
ލިވަޕޫލުގައި ހޭދަކުރި މުއްދަތުގައި އޭނާވަނީ ކުޅުނު 55 މެޗްގައި 14 ލަނޑު ޖަހާދީފައެވެ. ލިވަޕޫލްގެ ކޯޗް ޔާގެން ކްލޮޕް ބުނީ މިނަމީނޯ ދިއުމުން ދެރަވާކަމަށާއި ނަމަވެސް އެއީ އޭނާއަށް ވަރަށް ރަނގަޅު ބަދަލެއް ކަމަށެވެ. އަދި މިއީ އޭނާއަށް ހައްގު ބަދަލެއް ކަމަށްވެސް ކްލޮޕް ބުންޏެވެ. މިނަމީނޯއަކީ މި ސީޒަންގައި ލިވަޕޫލްގެ ފޯވަޑް ލައިނުން އެހެން ޓީމްތަކަށް ބަދަލުވި ތިންވަނަ ކުޅުންތެރިޔާއެވެ. މީގެކުރިންވަނީ ސާޑިއޯ މާނޭ އާއި ޑިވޮކް އޮރީގީ އެހެން ޓީމްތަކަށް ބަދަލުވެފައެވެ. މާނޭ ބަޔާން މިއުނިކަށް ބަދަލުވިއިރު އޮރީގީ ބަދަލުވެފައިވަނީ އޭސީ މިލާނަށެވެ.