އަންނަ ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުގައި ކުޅެން ބޭނުންވާތީ މެންޗެސްޓާ ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާކަން ކްރިސްޓިއާނޯ ރޮނާލްޑޯ އެ ކްލަބަށް އަންގާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
މިދިޔަ ސީޒަނުގައި އޭނާއަކީ ޔުނައިޓެޑަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ އިތުރުން، ޕްރިމިއާ ލީގުގައި ތިންވަނައަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއެވެ.
މިދިޔަ ސީޒަން ޔުނައިޓެޑް ނިންމާލީ ތާވަލުގެ ހަވަނައިގައި އޮވެގެންނެވެ. އެއާއެކު އަންނަ ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުގައި ކުޅުމުގެ ފުރުސަތު އެ ކުލަބަށް ވަނީ ގެއްލިފައެވެ.
ރިޕޯޓްތައް ބުނާގޮތުން ރޮނާލްޑޯ ވަނީ ޔުނައިޓެޑްގެ މެނޭޖްމަންޓަށް އޭނާ ދޫކޮށްލައިދޭން އެދިފައެވެ. ރޮނާލްޑޯ، ކްލަބް ބަދަލުކުރަން އެދޭ އެންމެ ބޮޑު ސަބަބަކީ، ކެރިއަރުގައި ދެން އޮތް އަހަރުތަކުގައި އެންމެ މަތީ ލެވަލްގެ މުބާރާތްތަކުގައި ކުޅެން ބޭނުންވުމެވެ.
ރޮނާލްޑޯ އެންމެ ފުރަތަމަ ވިދާލީ ވެސް ޔުނައިޓެޑްގެ ޖޯޒީގައެވެ. ޔުނައިޓެޑްގައި ކުޅުމަށްފަހު އޭނާ ދެން ބަދަލުވީ ރިއަލްމެޑްރިޑަަށެވެ. ތޭރަ އަހަރަށް ފަހު ރޮނާލްޑޯ މިދިޔަ ސީޒަނުގައި ޔުނައިޓެޑާ ގުޅުނީ ދެ އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ. ޔުނައިޓެޑުން ރޮނާލްޑޯ ގަންނަން، ޔުވެންޓަސް އަށް ފުރަތަމަ ދެއްކީ 17 މިލިއަން ޑޮލަރެވެ. އަދި ފަހުން ޔުވެންޓަސް އަށް އިތުރު ނުވަ މިލިއަން ޑޮލަރު ދޭން ވަނީ ކޮންޓްރެކްޓްގައި އެއްބަސްވެފައެވެ. މިދިޔަ ސީޒަނުގައި ރޮނާލްޑޯ ވަނީ ކުޅުނު 39 މެޗުން 24 ގޯލު ޖަަހައި، ތިން ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައެވެ.