10 އަހަރަށްފަހު މަޝްހޫރު ތަބަލާ އާމިރާ އިސްމާއީލް އެނބުރީ ސްކްރީނަށް އަތުވެއްޖެއެވެ.
ގިނަ ދުވަސްތަކަކަށްފަހު އާމިރާ ފެނިގެންދާނީ ވަރަށް ތަފާތު ވީޑިއޯ ލަވަޔަކުންނެވެ. މި ލަވަޔަކީ ދެހާހުގެ ކުރީކޮޅު އޭރުގެ އެންމެ މަޝްހޫރު ލަވަކިޔުންތެރިޔާ އަލީ ރަމީޒް ކިޔާފައިވާ ”ޔާރު ތިއޭ މިހިތުގެ ޝިފާ“ މިލަވައެވެ. މިލަވަޔަކީ އޭރުވެސް ފެށިގެން މިހާތަނަށްވެސް އާންމުންގެ މެދުގައި ވަރަށް މަޤްބޫލް ލަވައެވެ.
އާމިރާގެ އެންމެ މަޝްހޫރު ދުވަސްވަރު ކުއްލިގޮތަކަށް ފިލްމީ ދާއިރާއިން ގެއްލުނު ސަބަބާ ބެހޭގޮތުން ސުވާލުކޮށްލުމުން އާމިރާ ބުނީ އޭރު ހަޔާތުގެ ކަންތައް ހުރިގޮތުން ފިލްމީ ދާއިރާއާއި ދުރުވަން މަޖުބޫރުވީ ކަމަށެވެ.
”ލައިފްގަ އެކި މީހުންނަށް އަންނާނީ އެކި ޗޭންޖަސްތައް ދެއްތޯ. ލައިފް ވަރަށް ބިޒީ ޝެޑިއުލް އަކަށް ދިޔައީ ދަރިފުޅުގެ ކަންތަކާއި އަދި މިކަހަލަ ބައެއް ކަންތައްތަކާ ހެދި. އަސްލު ދިރިއުޅުން ވަރަށް މުހިންމުވާނެތާ. ލައިފްގެ ކަންތައްތަކަށް ހުރިހާ ވަގުތެއް ހުސްކުރީ.“ އާމިރާ ބުންޏެވެ.
20 ފީޗާ ފިލްމާއި 03 ކުރު ފިލްމުގެ އިތުރުން ޓީވީ ސީރީޒްތަކުން ހުނަރުވެރި އެކްޓިންއެއް ދެއްކި އާމިރާ އަކީ ހިތްގައިމު އެތައް ލަވަތަކަކުން ފެނިގެން ގޮސްފައިވާ ކުޅަދާނަ ފަންނާނެކެވެ. އާމިރާގެ އަލުން ފިލްމީ ދާއިރާއަށް އައުމަކީ އާމިރާގެ ސަޕޯޓަރުންނަށާއި ފިލްމީ ދާއިރާއަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެކެވެ. އާމިރާ ބުނީ ވަގުތުވީ ވަރަކުން ކުރިއަށް އޮތް ތާންގައި ފިލްމީ ދާއިރާއިން ފެންނާނެކަމަށެވެ.